ނޫރުލްއިސްލާމް

www.noorul-islam.net


އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 1 - އަލްއަސްމާއުލް ޙުސްނާ ދަސްކުރުމަށް ފެށި ދަތުރު

Category »  أسماء الله الحسنى
Wednesday, June 29, 2016
ދިވެހިބަހަށް ގެނައީ : އައްތާއިބާތު

ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެންކަމުން އެއިލާހު މަޢުރިފާކޮށް ދެނެގަތުމަށްޓަކައި މަސައްކަތް ކުރުމަކީ ހަމަކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން ﷲތަޢާލާ މަޢުރިފާކޮށް ދެނެގަތުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އެއިލާހުގެ މޫރިތި އިސްމުފުޅުތައް ފުރިހަމަ މާނާގައި ދަސްކުރުމެވެ. ކަންކަމަށް އެދި ﷲއަށް ދަންނަވާއިރު އެއިލާހުގެ ރިވެތި އިސްމުފުޅުތައް ބޭނުންކުރުމަކީ ﷲތަޢާލާގެ ރުހިވޮޑިގަތުން އަޅާއަށް ލިބޭ ކަމެކެވެ.

ކަންމިހެން އޮތުމާއެކު ﷲތަޢާލާގެ މަތިވެރި އިސްމުފުޅުތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރިމަސައްކަތުން، ދިރިއުޅުމާއި ގުޅުވައިގެން ﷲގެ އިސްމުފުޅުތަކުގެ މާނަ ވަރަށް ރަނގަޅަށް ކިޔައިދީފައިވާ އޯޑިއޯ ކްލިޕްސްތަކެއް ފެނުނެވެ. މިއޯޑިއޯކްލިޕްސްތަކަކީ މުސްލިމު އުޚުތުންގެ ޓީމަކުން ތައްޔާރުކޮށް އެއުޚުތުންގެ ބްލޮގެއްގައި ޝާއިޢުކޮށްފައިވާ (  ummimaanhawwa.blogspot.com  ) އޯޑިއޯ ކްލިޕްސްތަކެކެވެ.

މިއޯޑިއޯކްލިޕްސްތަކުގެ އެހީގައި ﷲތަޢާލާގެ އިސްމުފުޅުތައް ދަސްކުރަން ފެށުމުން އަޅުގަނޑުމެންނަށް ކުރި ފުންއަސަރާއި އަޅުގަނޑުމެންގެ އީމާން ކަމަށް އަންނަންފެށި ހެޔޮބަދަލުގެ ސަބަބުން ކްލިޕްސްތަކުގައިވާ އެއްޗެއް ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނާއި ޙިއްސާކުރަން ކޮންމެހެން ބޭނުންވިއެވެ.

އެހެންކަމުން މި އޯޑިއޯކްލިޕްސްތައް ދިވެހި ބަހަށް ތަރުޖަމާކޮށް އަޅުގަނޑުމެންގެ މިދަތުރުގައި ތިޔަ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން ބައިވެރި ކުރަން އަޅުގަނޑުމެން ނިންމީމެވެ. އަޅުގަނޑުމެންގެ ނިޔަތަކީ ﷲ ތަޢާލާގެ މަދަދާއިއެކު ހުރިހާ އިސްމުފުޅުތަކެއް ދިވެހިބަހަށް ގެނެސް ދިވެހި މުސްލިމު އަޚުންނާއި އުޚުތުންނަށް ފޯރުކޮށް ދިނުމެވެ. އަޅުގަނޑުމެންނަށް ތަރުޖަމާ ކުރެވޭ މިންވަރަކުން ޝާއިޢު ކުރަމުންދާނަމެވެ.

އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތްލައްވައި މިމަސައްކަތުގެ ފައިދާ ގިނަ ބަޔަކަށް ފޯރުކޮށްދެއްވައި ފާނދޭވެ! އަދި ﷲ ތަޢާލާގެ ރީތި އިސްމުފުޅުތައް ހެޔޮގޮތުގައި ފަހުމުވެ ދަސްވެ އެޢިލްމާއި އެއްގޮތަށް ޢަމަލު ކުރުމުގެ ސަބަބުން ސުވަރުގޭގެ އެންމެ މަތީދަރަޖަކަމުގައިވާ އަލްފިރުދައުސުލް އަޢުލާ ޙާސިލް ކުރުމުގެ ހެޔޮތައުފީޤު ލިބޭނެ ބަޔަކު ކަމުގައި އަޅަމެން އެންމެން ލައްވައި ފާނދޭވެ! އާމީން.



ނޫރުލްއިސްލާމް

www.noorul-islam.net