ނޫރުލްއިސްލާމް

www.noorul-islam.net


މުސްލިމުން ފައްޅިއަށް ޒިޔާރަތްކުރުމާއި ބެހޭގޮތުން ފަތުވާއެއް ނެރުއްވައިފި

Category »  ޚަބަރު
Thursday, December 19, 2013
މަޞްދަރު : މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް

އިސްލާމީ ފިޤުހު އެކަޑަމީގެ ފަރާތުން "މުސްލިމުން ފައްޅިއަށް ޒިޔާރަތްކުރުމާއި ބެހޭ" ގޮތުން ފަތުވާ ނެރުއްވައިފިއެވެ. އިސްލާމީ ފިޤުހު އެކަޑެމީގެ ފަތުވާ ނަމްބަރު 07/2013 IFA ގައި ބަޔާންކުރެވިފައި ވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރެވޭ ތަންތަނާއި، އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރެވޭ ތަންތަނަށް މުސްލިމުން ޒިޔާރަތްކުރުމަކީ ހުއްދަކަމެއް ނޫންކަމަށެވެ.

އެހެނީ، އިސްލާމީ ޝަރީޢާ ވަނީ ޝިރުކުގެ އެންމެހާ ދޮރުތައް ބަންދުކޮށް އަދި ޝިރުކަށް މަގުފަހިކޮށްދޭ އެންމެހާ ކަންތައްތައް މަނާކޮށްފައި ކަމަށެވެ. އަދި ކާފަރުން އަޅުކަންކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ބާޠިލު ޢަޤީދާއާ މެދުގައި މުސްލިމެއްގެ ހިތުގައި ރުހި ޤަބޫލުވުން އުފެދިދާނެތީއެވެ.

މުސްލިމުން ފައްޅިއަށް ޒިޔާރަތްކުރުން ޢާންމު އުޞޫލެއްގެ ގޮތުން ހުއްދަ ނޫން ކަމުގައި ވިޔަސް މި ޢާންމު ޙުކުމުން އިސްތިސްނާވާ ޙާލަތެއް ވާ ކަމަށާއި އެ ޙާލަތަކީ، އެތަންތަނުގައިވާ ކުފުރުގެ ޢަމަލުތަކަށާއި ރަމްޒުތަކަށް ނުރުހުންތެރިވާ ޙާލުގައި، ޢަޤީދާ ހަރުދަނާ މީހަކު ޢިލްމީ ބޭނުމަކަށްޓަކައި، ނުވަތަ ޝަރުޢީ ޟަރޫރަތަކަށްޓަކައި އެފަދަ ތަނަކަށް ޒިޔާރަތްކުރުން ކަމުގައި ވެސް ފަތުވާގައި ވެއެވެ. ޚާއްޞަކޮށް އެބައިމީހުންގެ ޢީދުތަކާއި ދީނީ މުނާސަބަތު ތަކުގައި އެތަންތަނަށް ޒިޔާރަތްކުރުމީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށް ފަތުވާ ގައި ބަޔާންކުރައްވާފައިވެއެވެ.

މިއީ އިސްލާމީ ފިޤުހު އެކަޑެމީން މި އަހަރު ނެރުއްވާފައިވާ 7 ވަނަ ފަތުވާއެވެ. މި ފަތުވާ ނެރުއްވާފައިވަނީ، 18 ޑިސެމްބަރ 2013 ވަނަ ދުވަހުގެ ރޭ ބޭއްވުނު އިސްލާމީ ފިޤުހު އެކަޑެމީގެ 26 ވަނަ ބައްދަލުވުމުގައެވެ.

16 ޞަފަރު 1435

19 ޑިސެމްބަރ 2013



ނޫރުލްއިސްލާމް

www.noorul-islam.net