ނޫރުލްއިސްލާމް

www.noorul-islam.net


ޢާޝޫރާ ދުވަހުގެ ރޯދަ ހަނދުމަ ނައްތާ ނުލައްވާށެވެ. - 2013

Category »  ދީނީ ލިޔުން
Tuesday, November 12, 2013
ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ.

މިދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅުގައި ވަނީ: "صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ " މާނައީ:  އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. رواه مسلم 

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ.

ރަސޫލުﷲ صلى الله عليه وسلم  މަދީނާ އަށް ހިޖުރައަށް ވަޑައިގެންނެވި އިރު މަދީނާގައި ތިބި ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އެހިނދު އެބައިމީހުން ދެންނެވިއެވެ.هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ ، فَصَامَهُ مُوسَى މިއީ ރަނގަޅު ދުވަހެކެވެ. މިއީ ﷲ ތަޢާލާ، ބަނީ އިސްރާއީލު ބާގައިގެ މީހުން އެބައިމީހުންގެ ޢަދުއްވުގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހެވެ. އެހެންވެ މޫސާ ޢަލައިހިއްސަލާމް ރޯދަ ހިއްޕެވިއެވެ.

އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. فَأَنَا أَحَقُّ بِمُوسَى مِنْكُمْ ފަހެ ތިޔަބައިމީހުންނަށްވުރެ ބޮޑަށް މޫސާ ޢަލައިހިއްސަލާމަށް (ﷲ އެދެއްވި ނިޢުމަތަށް ޝުކުރުވެރިވެ ވަޑައިގެންނެވުން ) ޙައްޤުވެގެންވަނީ ތިމަން ކަލޭގެފާނެވެ.

އެއަށްފަހު އެދުވަހު ރޯދަ ހިއްޕަވައި، އެރޯދަ ހިފުމަށް (މުސްލިމުންނަށް) އަމުރު ކުރެއްވިއެވެ. رواه البخاري 

 

ޔަހޫދީންނާއި ތަފާތުވުމުގެ ގޮތުން އެދުވަހުގެ ރޯދަ ހިފުމަށް ރަސޫލުﷲ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ ތިރީގައި މި ދަންނަވާ ދެގޮތުގެ ތެރެއިން ގޮތަކަށް އެ ރޯދަ ހިފުމަށެވެ. އެހެނީ ޔަހޫދީން ރޯދަ ހިފައި އުޅުނީ މުޙައްރަމް މަހުގެ 10ވަނަ ދުވަހުއެވެ.

1-     މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10ވަނަ ދުވަހު ރޯދަ ހިފުން. ނުވަތަ

2-      މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަދުވަހު ރޯދަ ހިފުން.

3- މުޙައްރަމް މަހުގެ 9 ، 10 އަދި 11 މި ތިން ދުވަހު ރޯދަ ހިފުން.

 

މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ޢާޝޫރާ ދުވަސް (މުޙައްރަމު މަހުގެ 10 ވަނަ ދުވަހާއި ) ދިމާ ވަނީ 2013 ނޮވެމްބަރު މަހުގެ 14ވާ ބުރާސްފަތި ދުވަހާއެވެ. އެހެން ކަމުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަން ވީއެވެ.

އެއް ގޮތަކީ ނޮވެމްބަރު މަހުގެ  13 ވާ ބުދަ ދުވަހާއި 14 ވާ ބުރާސްފަތި ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 9ވަނަ ދުވަހާއި 10ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.

އަނެއް ގޮތަކީ ނޮވެމްބަރު 14  ވާ ބުރާސްފަތި ދުވަހާއި 15 ވާ ހުކުރު ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 10ވަނަ ދުވަހާއި 11ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.

ނުވަތަ ނޮވެމްބަރު މަހުގެ  13  ވާ ބުދަ ދުވަހާއި 14 ވާ ބުރާސްފަތި ދުވަހާއި 15 ވާ ހުކުރު ދުވަހު ރޯދަ ހިފުމެވެ. (އެއީ މުޙައްރަމް 9، 10، 11 މި ތިން ދުވަހެވެ.)

އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުން، އެންމެ ރައްކާތެރި ގޮތަކީ 3 ދުވަހު ރޯދަހިފުމެވެ. އެއީ މުޙައްރަމް 9، 10 އަދި 11 މި ތިން ދުވަހެވެ. ސަބަބަކީ އެއީ އެންމެ ރައްކާތެރި ގޮތެވެ. އޭރުން ޢާޝޫރާ ދުވަސް ލިބުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ.

އެހެން ކަމުން ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަވަސްވެވަޑައިގެންނެވުމަށް ނަސޭހަތްތެރިވަމެވެ. އަދި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް މިދުވަހުގެ ރޯދަ ހިފުމަށް ބާރު އަޅުއްވައި އިރުޝާދު ދެއްވާށެވެ.

ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކާށެވެ.

އީމެއިލް ކުރާށެވެ. އެސްއެމްއެސް ފޮނުވާށެވެ. ފޯނުން ގުޅާށެވެ. މި ޕޯސްޓަރުތައް ޕްރިންޓް ކޮށް މީހުންނަށް ފެންނަ ހިސާބުގައި ބަހައްޓާށެވެ. ފޭސްބުކްގައި ޝެއާ ކުރައްވާށެވެ.

ވިސްނާލާށެވެ! ތިބާ މީހަކަށް މި ރޯދައިގެ މަތިވެރިކަން ބަޔާންކޮށް ދިނުމުން، އެމީހާ ރޯދަ ހިފައިފިނަމަ، އޭނާއަށް ލިބޭ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ވުމަކާއި ނުލައި، ތިބާއަށް ލިބޭނެއެވެ.  

ދެން ކަނޑަ އަޅުއްވާށެވެ. ތިބާ ބޭނުންވަނީ ކިތައް ރޯދައިގެ ސަވާބު ހޯދަން ހެއްޔެވެ؟

ލަސް ނުކުރާށެވެ. އަވަސް ކުރާށެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ހުރިހާ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނާއި އެކުވެރިންނަށް އަންގަވާށެވެ.



ނޫރުލްއިސްލާމް

www.noorul-islam.net